ޚަބަރު

އަޅުގަނޑަކީ ސިޔާސީ ޖޯކެކޭ ބުނާ މީހަކީ ޖޯކަރެއް: އަލްހާން

އަހުމަދު ޖައިޝަން

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަލްހާން ފަހުމީއަކީ ސިޔާސީ ޖޯކް އެކޭ ބުނާ މީހަކީ ޖޯކަރެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ އޭނާގެ ފަރާތުން ރޭ ބޭއްވި އޯޕެން މައިކް ޑިނާ ނައިޓްގައި އާންމުންގެ ތެރެއިން ފަރާތެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަލްހާން ވިދާޅުވީ އަލްހާންއާ ގުޅޭގޮތުން މީހުން އެގޮތަށް ދައްކާ ވާހަކަތައް އަޑުއިވުމުން "އަންނަނީ ހިނި" ކަމަށެވެ.

"އެއީ ދެން ވާގޮތަކީ މިހާރު އަބަދުވެސް ސިޔާސީ ކަންކަމުގައި ދެކޮޅު އޮންނާނެ. އަޅުގަނޑަށް ތާއީދު ކުރައްވާ ބޭފުޅުން ތިއްބަވާގޮތަށް ހަމަ އަޅުގަނޑާ ދެކޮޅަށް ވާހަކަ ދައްކަވާ އަޅުގަނޑާ ވާދަވެރި ސިޔާސީ ފަރާތްތަކުންވެސް ތިއްބަވާނެ،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އޭނާއަކީ ސިޔާސީ ޖޯކެއް ކަމަށް އެއްވެސް ފަރާތަކަށް ބުނެވެން ނޯންނާނެ ކަމަށެވެ. އެއީ އޭނާއަކީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކެރިގެން ހިތްވަރާއެކު މަސައްކަތްކުރާ ފަރާތަކަށް ވާތީ ކަމަށް އަލްހާން ފާހަގަކުރެއްވިއެވެ.

އެފަދަ ފަރާތްތަކުން ކިބައިން އަންނަ ކޮމެންޓްތަކެއް އެއް އިރަކުވެސް ޒާތީގޮތުން ނުނަންގަވާ ކަމަށާއި މޫޑު ހުންނަ ގޮތަކުން އެފަދަ ސުވާލުތަކަށް ޖަވާބުވެސް ދީފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.