ޚަބަރު

ޝަރުއީ ދާއިރާ ތަރައްގީކުރުމަށް ރާއްޖޭގެ ހާއްސަ ވަފުދެއް ތުރުކީގައި

އަހުމަދު ޖައިޝަން

ރައްޖޭގެ ޝަރުއީ ކޯޓުތަކާއި ހިންގުން ހަރުދަނާކުރުމުގެ ދަށުން ޝަރުއީ ދާއިރާގެ އިސް ފަރާތްތަކެއް ހިމެނޭ ވަފުދެއް ދަނީ ތުރުކީވިލާތަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އެ ދަތުރުފުޅަކީ ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ އިސްލާހީ ބަދަލު ގެނައުމަށްޓަަކައި ސުޕްރީމް ކޯޓުން އިސްނަގައިގެން ކުރާ ދަތުރެއް ކަމަށެވެ.

އެ ދަތުރަކީ މިމަހުގެ ނުވަޔަކުން ފެށިގެން 16ގެ ނިޔަލަށް ތުރުކީއަށް ކުރާ ދަތުރެއް ކަމަށް އެ އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

އެ ދަތުރުގެ މައިގަނޑު މަގަސަދުތަކުގެ ތެރޭގައި، ތުރުކީ ވިލާތުގެ މަދަނީ ޢަދުލުގެ ނިޒާމް ހިނގާގޮތް ބަލައި ދިރާސާކުރުމާއި ތުރުކީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ރޭވި ހިނގަމުންދާގޮތް ބަލައި ދިރާސާކުރުން ހިމެނެއެވެ.

އޭގެއިތުރުން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންނީ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ޖުޑީޝަލް ޓްރޭނިންގގެ މަސައްކަތްކުރާ މުއައްސަސާއާ ގުޅުން ބަދަހިކުރުމާއި އެ މުއައްސަސާގެ އެހީތެރިކަން ހޯދުން އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް އެ މުއައްސަސާގެ ފަންނީ އެހީތެރިކަން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމަކީވެސް އެ ދަތުރުގެ މަގުސަދު ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.