ޚަބަރު

މަންދޫ ބަނދަރު ތަރައްގީކުރުން: އާ ހާބަރު ބޭސިން އާއި ނެރު ފުންކޮށް ނިންމާލައިފި

އދ. މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކާއި ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ.

މަންދޫ ބަނދަރު މަޝްރޫއުގެ ދަށުން 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 236 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 1180 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.