ޚަބަރު

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16.8 ޕަސެންޓު އިތުރު

އަހުމަދު ޖައިޝަން

މިދިޔަ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 16.8 ޕަސެންޓް ކުރިއަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ވަރަށް ރަނގަޅު ފާލެއް ކަން ފެނިގެންދާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ މަހާ ހަމައަށް ރާއްޖެއަށް ވަނީ 320،135 ފަތުރުވެރިން ޒިޔާރާތްކޮށްފައި ކަމަށެވެ. އެ އަދަދަކީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ވުރެ 11.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޔޫރަޕުން ކަމަށެވެ. އެގޮތުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 55 ޕަސެންޓް ފަތުރުވެރިންނަކީ ޔޫރަޕުގެ ފަތުރުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ކަމަށާއި އެ ފަރާތްތައް މާކެޓް ޝެއާގެ 37 ޕަސެންޓް ކަވަރު ކުރާ ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އޭގެ އިތުރުން ވަރަށް އުފާކުރަން މިހާރު އެމެރިކާއިންވެސް ރާއްޖޭގެ 5.5 ޕަސެންޓް މާކެޓް ޝެއާ އެބަ ހިއްސާ ކުރޭ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓުއަރިޒަމް ދަނީ ކުރިއަރަމުން ކަމަށާއި އެއީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.