މިނިސްޓަރު އަހުމަދު މަޙުލޫފް

މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް: އޭސީސީ

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާކަން އޭނާއަށް އޭސީސީން ފޮނުވި ސިޓީއަކުން ވަނީ އަންގައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން އެސްއޯއެފްގެ އެކައުންޓުން މަހުލޫފަށް 33،000 ޑޮލަރު ޖަމާކުރި މައްސަލަ އަދި އެހެން ކޮރަޕްޝަންގެ މައްސަލައެއް ވެސް މިހާރު ބަލަމުން ނުދާކަން މަހުލޫފަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް އެނގިފައިވެއެވެ.

އެކަމާ ގުޅޭގޮތުން މަހުލޫފާއި އޭސީސީގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވި މައްސަލައިގައި ހިންގި ތަހުގީގު ރިޕޯޓު ނެރުނު އިރު ދައުލަތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނާއި ފައިސާ ޖަމާކުރި ކުންފުނިތައް އާއްމުކޮށްފައިވެއެވެ.

އެ ލިސްޓުގައި މަހުލޫފުގެ ނަން އޮތުމާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަހުލޫފް ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ.