ޚަބަރު

އޭސީސީގެ ރިޝްވަތުގެ ތުހުމަތަށް ވަރަށް ބޮޑަށް އިންކާރު ކުރަން: އަލްހާން

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީއާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކޮށްފައިވާ ތުހުމަތުތަކަށް އޭނާ ދެކޮޅު ހަދައިފިއެވެ.

އަލްހާން ވަނީ މިއަދުގެ 15:00ގައި އޭސީސީއަށް ހާޒިރުކުރައްވައިފައެވެ. އޭސީސީއަށް ހާޒިރުކޮށްފައި ވަނީ އޭނާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ "އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019" އާއި ރާޒުވާ މުބާރާތާ ގުޅޭގޮތުންނެވެ.

އޭސީސީން ނުކުންނެވުމަށްފަހު އަލްހާން ވިދާޅުވީ އޭސީސީއަށް ހާޒިރުކުރީ އެ މުބާރާތްތަކުގައި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައި ހުރީ ފައިސާގެ އިނާމުތަކަށް ކަމަށްވާތީ އެއީ ރިޝްވަތުގެ ގޮތުގައި ހުށަހެޅުނު އެއްޗެއް ކަމަށް ތުހުމަތުކުރައްވައިގެން ސުވާލުކުރެއްވުމަށް ކަމަށެވެ.

ރިޝްވަތު ދިނުމުގެ ގާނޫނުގައި އެ ކުށް ހާމަކޮށްފައިވާ ގޮތަށް ބަލާއިރު އޭސީސީން އެ މައްސަލަ ނަގައިގެން ގެންދާގޮތަށް ވަރަށް ބޮޑަށް އިންކާރު ކުރައްވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

"އަޅުގަނޑު ކެމްޕެއިންގައި އެ ހިންގި އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން މުޅި މާލެއަށް ހުޅުވާލައިގެން. ކޮންމެހެން ކޮންސްޓިޓުއެންސީގެ ދާއިރާއަށް ހުޅުވާލައިގެންނެއް ނޫން. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެއްގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައިވާ އިނާމަކީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވުނު ކަމަށް ނުވާއިރު މީގެ އިނާމަކީ އަޅުގަނޑު ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ގާނޫނީ ހަމަތަކުން ބެލޭނެ އެއްވެސް އަސާސެއް ނެތް،" އަލްހާން ވިދާޅުވިއެވެ.

އެެހެންކަމުން އޭސީސީން ކުރިއަށް ގެންދާ ތަހުގީގަކީ ގަބޫލުކުރައްވާ ތަހުގީގެއް ނޫން ކަމަށް އޭސީސީ ގާތު ދެންނެވި ކަމަށް އަލްހާން ވިދާޅުވިއެވެ.