ފުރަގަސް ފަރާތަށްލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މީހަކު ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، އެބޯޓު ގަމު ބަނދަރާއި ގާތްކުރުމުން ފުލުހުންގެ ދަށަށް އެމީހާގެނެސް ބަލައިފާސްކުރިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން ގަމު ހޮސްޕިޓަލަށް އެމީހާ ގެންގޮސް ވަނީ އެކްސްރޭ ނަގައިފައެވެ.
އަދި އެކްސްރޭ ނަގައިގެން ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ޕެކެޓު އެމީހާގެ ފުރަގަސްފަރާތުން ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.
މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.