އިބްރާހިމް ޒަކީ
އެސްއެމްއީ ބޭންކުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
އެސްއެމްއީ ބޭންކަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްދާ ބޭންކެކެވެ.
އެމްޑިޕީގެ މަޖިލިސް ކެމްޕެއިނަށް ވ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުުގައި ވ.ފެލިދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބޫ ސޯލިހު ވިދާޅުވީ އެސްއެމްއީ ބޭންކް މިހާރު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެބޭންކުން ލޯނު ދޫކުރަންފެށޭނެ ކަމަށެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި ރަށްރަށުގައި ފައްޓަން ބޭނުންވާ އެފަދަ މެދުފަންތީގެ، ކުދި ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ހޯދުމަށްޓަކައި އެސްއެމްއީ ބޭންކް ރަޖިސްޓްރީ މިހާރު ކުރެވި، އިރާދަ ކުރެއްވިއްޔާ މިއަންނަ ހަފްތާ ތެރޭގައި އެފަރާތްތަކަށް ލުއިލޯނު ފަސޭހައިން ލިބޭގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކުގެ ހިދުމަތަކީ ރައީސުލް ޖުމްހޫރިއްޔާގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ، %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސެންޓުގެ ހިއްސާ ހިމެނެއެވެ.