ރިފާ ހަލީލު
ލ އަތޮޅާއި ތ އަތޮޅުގެ މަސްވެރިން އިއްޔެ އިން ފެށިގެން ލ. މާންދޫގައި ކުރަމުން އަންނަ މުޒާހަރާ އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މަސްވެރިން ބުނެފިއެވެ.
ދެެ އަތޮޅުގެ މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ ގިނަ ދުވަސްވަންދެން ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދިނުމަށާއި މަސްވެރިންނަށް ވިއްކާ އައިހާއި ތެޔޮ ލިމިޓުކޮށްގެން ވިއްކުން ހުއްޓާލަންގޮވާލާއެވެ.
ގިނަ އަދަދެއްގެ ފުލުހުންވެސް މިހާރު މާންދޫގައި ހަރަކާތްތެރިވަމުން އަންނައިރު އާންމުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގާތަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.
މިވަގުތު މުޒާހަރާ ކުރަމުން އަންނަ މަސްވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ މާންދޫން މަސްވެރިންނަށް 21 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. ފައިސާ ނުދޭ ބިލްތަކުން ކެނޑޭ ގޮތަށް އައިހާއި ތެޔޮވެސް ދޫނުކުރާ ކަމަށެވެ.
އޭނާ ބުނީ މުޒާހަރާ ކުރަން ނިންމީ އެއްވެސް ގޮތަކަށް ވާހަކަ ދައްކައިގެން މިކަން ހައްލުނުވުމުން ކަމަށެވެ. މުޒާހަރާ ހުއްޓާލާނީ ފައިސާ ދެވޭނެ ދުވަހަކާއި މަސްވެރިން ޑިމާންޑުކުރާ ކަންކަން ހައްލުވުމުން ކަމަށެވެ.
"ތިން ދުވަސް ވިޔަސް ހަފުތާއެއް ވިޔަސް އަޅުގަނޑުމެން މިތިބީ ހުއްޓާލާކަށް ނޫން. އަޅުގަނޑުމެންވެސް ކާންބޯން ކުރާ މަސައްކަތް. ހަމަ އަގު ނުލިބޭގޮތަށް ކިރާ މަހަށްވާ ފައިސާވެސް އަޅުގަނޑުމެންނަށް ލިބެންވާނެ. ވަރަށް ހާލުގަ ގިނަ މަސްވެރިން އުޅެނީ." އޭނާ ބުންޏެވެ.
އެތަނުގައި އެވަގުތު ހުރި އެހެން މަސްވެރިޔަކު ބުނީ އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާއަކުން އެއްވެސް ކަމެއް ބަލަން އަދި ވެގެން އުޅޭ ގޮތެއް ބަލައިލަންވެސް ނޫޅޭ ކަމަށެވެ.
ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރަން ނުޖެހޭ ހާލަތުގައި ބޭނުންކުރި ކަމަށާއި އެހެންވެ މަސްވެރިން އެމީހުންގެ ދިފާއުގައި ވެލި އުކިކަމަށް އޭނާ ބުންޏެވެ. އަދި އިތުރު ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ފުލުހުންނާވެސް ކުރިމަތި ނުލުމަށް މަސްވެރިންނަށް ނަސޭހަތްދީފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މުޒާހަރާގައި ބައިވެރިވާ މަސްވެރިން ގޮވަމުން އަންނަނީ އެމީހުންނަށް ދޭން ޖެހޭ ފައިސާ ވަގުތުން ދިނުމަށާއި ގާސިމް އިބްރާހިމް އަތުން މާންދޫ ނެގުމަށެވެ.
އިއްޔެ މެންދުރު 12:00ގައި މަސްވެރިންނަށް ޖަވާބެއް ދޭނެ ކަމަށް މާންދޫ މެނޭޖުމެންޓުން ބުނެފައިވާއިރު، މަސްވެރިން ބުނީ ގަޑި ހަމަވުމުން ދިން ޖަވާބަކީ މިވަގުތު ފައިސާ ނެތުމުން ދެވެން ނެތް ކަމަށް ކަމަށާއި އެހެން ނަމަވެސް މަސްވެރިންނަށް ހައްގުވާ މި ފައިސާ ނުހިފެހެއްޓޭނެ ކަމަށް މަސްވެރީން ބުނެއެވެ.
މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މެނޭޖަރު އަބްދުއްރައްޒާގު ޔޫސުފް "ވަން" އަށް މިއަދު ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދީ ހުރި ބިލުތަކެއް ހުންނާނެ ކަމަށެވެ. މަސްވެރިންނަށް ނުދީ ހުރި 21 މިލިއަން ރުފިޔާއަކީ މި ބިލްތަކަށްވާ ފައިސާ ކަމަށާއި މި ފައިސާ ނުދެވި ހުރީ ތިން ހަފުތާއިން ތިން ހަފުތާއިން ފައިސާ ދޭގޮތަށް މަސްވެރިން އެއްބަސްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޒާގު ވިދާޅުވީ މިހާރު މަސްވެރިން ޑިމާންޑު ކުރަމުން އަންނަނީ އެއްފަހަރާ ފައިސާ ދިނުމަށް ކަމަށާއި ނަމަވެސް މިވަގުތު އެވަރަށް ފައިސާ އެކީ އެއްފަހަރާ ދެވެން ނެތް ކަމަށެވެ.
ރައްޒާގު ވިދާޅުވީ މެނޭޖުމަންޓުގެ އިސްވެރިންނާއި މަޝްވަރާކުރުމަށްފަހު އެ ފައިސާ އެއްފަހަރާ ދެވޭނެ ގޮތް މިހާރު ބަލަމުން އަންނަ ކަމަށާއި ވީއެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ މަސްވެރިން އިހުތިޖާޖު ކުރިނަމަވެސް ހަމަނުޖެހުން ނުހިންގުމަށް އިލްތިމާސްކުރާ ކަމަށާއި މިއަދު ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ބޯވެސް ފަޅާލާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ ޗެކް ކޮށްލާފައި ގުޅާނެ ކަމަށެވެ.