ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލައް ބައެއް ބަދަލު ގެނެސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީޑިއާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާޒިފް ވިދާޅުވީ އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ވާނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައި ކަމަށެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމަށް އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ ނުވަ ދާއިރާއަކުންނެވެ. އެއީ:
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިފް ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ އުސޫލަށް މައިގަނޑު ތިން ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
"ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު ފީޗާއާއި ފޮޓޮގްރަފީ ނޫން ދެން ކޮންމެ ދާއިރާއަކަށްވެސް ހުށަހަޅަން ޖެހޭނީ ފަސް އުފެއްދުން ކަމަށް އަޅުގަނޑުމެން މި ވަނީ އާ އުސޫލުގައި ހިމަނާފައި. ދެން ކުރީން ކަނޑައެޅިފައިވާ ގޮތަކީ ތިން ހަބަރާއި ދެ ރިޕޯޓް ހުށަހަޅަން ޖެހޭނީ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް އިސްލާހު ކުރެވިފައި މިވަނީ ފަސް އުފެއްދުން ހުށަހަޅަން ޖެހޭނެ ގޮތަށް،" އާޒިފް ވިދާޅުވިއެވެ.
އެހެން ދާއިރާތަކަށް ވާދަކުރާ ނޫސްވެރިންނަށްވެސް ފީޗާގެ ދާއިރާއަށް ވާދަކުރެވޭނެ ކަމަށް އާޒިފް ވިދާޅުވިއެވެ. މީގެކުރީގެ ގޮތުން ނަމަ ފީޗާ ދާއިރާއަށް ވާދަކުރާ ފަރާތްތަކަށް އެހެން ދާއިރާތަކަށް ވާދައެއް ނުކުރެވޭނެ އެވެ.
އޭނާ ވިދާޅުވީ ފީޗާ ދާއިރާއަށް ކުރިމަތިލާއިރު އެދާއިރާއަށްވެސް ވާނީ ބައެއް ބަދަލުތައް ގެނެސްފައި ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން ގެނައި ބަދަލަކީ ފީޗާ ދާއިރާއިން އެ ތައްޔާރުކުރި ތިން އުފެއްދުން ހުށަހަޅަން ޖެހޭގޮތަށް. މީގެކުރީން ވާނީ ފަސް އުފެއްދުން ހުށަހަޅަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މަސައްކަތް ހުށަހަޅާ ކޮންމެ ނޫސްވެރިޔެއްވެސް އެނޫސްވެރިއަކު މަސައްކަތްކުރާ އިދާރާއެއްގެ އެޑިޓޯރިއަލްގެ ސޮއިކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހޭގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިިގޮތަށް އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ބްރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިން، އުފެއްދުންތައް ހުށަހަޅާއިރު ދަތިތައް ހުރިކަމަށް ސީދާ އެ ތާރީހު އެނގޭނެ ލިޔުމެއް ނެތުމުން އެ ތާރީހު އައިޑެންޓިފައި ކުރުމަށް ދަތިތަކެއް ކުރިމަތިވާތީ،" އާޒިފް ވިދާޅުވިއެވެ.