އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕެއިނަށް ވ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ވ.ފެލިދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވަކި ޕާޓީއެއްގެ، ވަކި މެންބަރުންތަކެއް ފާހަގަ ނުކުރައްވައި ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި ހޭދަލުރެއްވުމަށްފަހު ފަހަތަށް ޖެހިވަޑަައިގެންނެވީ، ޒުވާނުންނަށް ޖާގަދެއްވަން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ އާ ފިކުރުތަކާއި ޒަމާނީ ބަދަލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ހޭދަކުރިން ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު. އެކަމަކު އަޅުގަނޑުމެން ފަހަތަށް ޖެހިލައިފަ ޒުވާނުންނަށް ޖާގަދޭން ނިންމީ މަޖިލީހަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. މަޖިލީހަށް ބޭނުންވޭ ޒުވާންްލޭގެ ޖޯޝާ އެކީގައި އާ ފިކުރުތަކާއި ޒަމާނީ ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހަށް ގެންނަން. އަޅުގަނޑުގެ ފުރިހަ ތާއީދު އެބައޮތް. ހަމަ ގައިމުވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން އެމްއެމްޕީއާރުސީގެ ކެނޑިޑޭޓުންނަކަށް އެއްވެސް ކެނޑިޑޭޓަކަށް،" ރައީސް އިބޫ ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ގައުމުގެ ހާލަތު އޮތީ އެންމެ ރަނަގަޅަށްނޫން ކަމަށެވެ.
އޭރު މުޅި ގައުމުގައި އޮތީ ބިރުވެރި ނާމާކަން ކަމަށާއި ހިޔާލު ފާޅު ކުރުމާއި ބަސް ބުނުމުގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވިއެވެ. އަދި ކޮރަޕްޝަނާއި ފަސާދަ ސަރުކާރު ގައި އޮތީ އަށަގެންފައެވެ.
އެހެންކަމުން އެކަންކަން ރަނގަޅު ކުރެވޭނީ ގާނޫނީ ބާރު ލިބިގެން ކަމަށާއި އެކަމަށްޓަކައި މިފަހަރުގެ ރައްޔިތުންގެ މަޖިލިސް ތަފާތު މަޖިލީހަކަށްވާނެޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.