ޚަބަރު

އަލްހާން އޭސީސީއަށް ހާޒިރުކޮށްފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީ އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ)އަށް ހާޒިރުކޮށްފި އެވެ.

އަލްހާން މިއަދު 15:00އަށް އަށް އޭސީސީއަށް ހާޒިރުކޮށްފައި ވަނީ އޭނާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ "އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019" ގެ މައްސަލައިގައެވެ.

އޭސީސީއިން އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާ އަލްހާންއަށް ފޮނުވި ޗިޓް ގައި ވަނީ އޭނާ އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައި ވަނީ ގާނޫނާއި ހިލާފައް މުބާރާތްތައް ބާއްވައި، ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވާކަމަށް ބުނާ މައްސަލައެއް އަލްހާނަން ރައްދުވާތީއެވެ.

މިކަމާ ގުޅިގެން އަލްހާން ވަނީ އިޖްތިމާއީ ހަރަކާތެއް ކުރިއަށް ގެންދިއުމަކީ ކުށެއްކަމަށް އޭނާ ނުދެކޭކަމަށް ވިދާޅުވެފައެވެ.

މިމަހު ކުރީކޮޅު ކުރިއަށް ދިޔަ "އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019" ގައި ވަނީ 33 ޓީމެއް ވާދަކޮށްފައެވެ.

ޓީސީ ސްޕޯޓްސް ކްލަބުން ހިންގި މި މުބާރާތުގައި އިނާމެއްގެ ގޮތުގައި އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ވަނީ ދީފައެވެ.