އިބްރާހިމް ޒަކީ
އަންހެން މުވައްޒަފުންނަށް، ވިހެއުމާ ގުޅިގެން މުސާރައާއެކު ދޭ 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި އަންހެނުން ވިހެއުމުން ފިރިމީހާއަށް 1 މަސްދުވަހުގެ ޗުއްޓީ މުސާރައާއެކުދޭ ސިޔާސަތު އަމިއްލަ ކުންފުނިތަކުގައި ގާއިމް ކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
އެމްޑިޕީގެ މަޖިލިސް ކެމްޕެއިނަށް ވ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުުގައި ވ.ފެލިދޫގައި ދެންމެ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބޫ ސޯލިހު ވިދާޅުވީ، ހަށިހެޔޮ، ދުޅަހެޔޮ ޖީލެއް އުފެއްދުމަށްޓަކައި ދަރިންނާއި އާއިލާއާއެކު ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ ރާއްޖޭގެ ހުރިހާ މުވައްޒިފުންނާއި، މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް، އެހީތެރިކަމާއި މި ސިޔާސަތު، އަމިއްލަ ކުންފުނިތަކުންވެސް ގާއިމް ކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ވެސް އެކަމަށް އިޖާބަދީ، އެ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަަކަށް ވެސް އެ ސިޔާސަތު ގާއިމްކޮށްދިނުމަށް މިހާރު މަަސައްކަތް ކުރަމުންދާކަމަށެވެ.
"ހަށީހެޔޮ ދުޅަހެޔޮ ޖީލެއް އުފެއްވުމަށްޓަކައި އާއިލާއާ އެކީ ވަގުތު ހޭދަކުރެވެން އެބަޖެހޭ. މިގޮތުން ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒިފުންނަށް ވިހެއުމާއިގުޅިގެން މަންމައިންނަށް 6 މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު ދިނުމާއި، ބައްޕައިންނަށް އެއްމަސްދުވަހުގެ މުސާރައާއެކު ޗުއްޓީ ދިނުމަށް މިހާރު ވަނީ އެ އުސޫލް އެ ސިޔާސަތު ކަނޑައެޅިފަ. އަދި ހަމަ އެއާއެކު ސަރުކާރުގެ ކުންފުނިތަކުން މިއަދުވަނީ މިކަމަށް އިޖާބަދީ އެކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަަކަށް މި ސިޔާސަތު ގާއިމް ކޮށްދީފަ،" ރައީސް ވިދާޅުވިއެވެ.