ޚަބަރު

މަޖިލީހުގެ އިންތިހާބުގެ ކަންކަމަށް 4.8 މިލިއަން ރުފިޔާ އެމްޑީޕީން ވަނީ ހޯދައިފަ: އަފްޝަން

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމަށް 4.8 މިލިއަން ރުފިޔާ އެމްޑީޕީން ހޯދާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭގޮތުން އެމްޑީޕީން ކުރިއަށްގެންދާ ކަންތައްތަކާބެހޭ މައުލުމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންއަށް ވަކި ބަޖެޓެއް ކަނޑައަޅާފައި ނުވިނަމަވެސް ކެމްޕެއިންގެ ހަރަކާތްތަކަށް ފަންޑް ރެއިޒް ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު އެމްޑީޕީން ހޯދާފައިވާ 4.8 މިލިޔަން ރުފިޔާއަކީވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީީ އާއި، ފަންޑް ރެއިޒިންގް ހަރަކާތްތަކުން ލިބިފައިވާ ފައިސާކަމަށެވެ. އަދި ފަންޑް ރެއިޒް ކުރުމަށް އިތުރު ކަންތައްތައް ރާވަމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން އަށް ގިނަ އެހީތެރިކަމެއް އެކި ފަރާތްތަކުން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެގޮތުން ހެޔޮ އެދޭ ފަރާތްތަކުން ޓީޝާރޓާއި، ފޮއްޗާއި، ކުލައާއި، އޭގެ އިތުރުން ޕްރިންޓް ކުރާ ސާމާނު ފޯރުކޮށްދެއްވަމުން ގެންދާ ކަމަށާއި، ކެމްޕެއިން ހަރަކާތްތައް ފުޅާ ކުރުމަށް ގިނަ ކަންކަން ކުރިއަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.ފައެވެ.