ޚަބަރު

ވޯޓާސް ލިސްޓުގައި ދެފަރާތުންވެސް ސޮއިކޮށްފި- އިލެކްޝަން

ވޯޓާސް ލިސްޓުގައި ޕީޕީއެމް އާއި އިދިކޮޅު ކޯލިޝަނުން ވެސް ސޮއިކޮށްފި އެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ސޮއިކުރުމުގެ އެންމެ ފަހު މުއްދަތު ހުޅުވާލެވިފައި އޮތީ މިއަދު ހަވީރު ހަތަރެއް ޖަހަންދެނެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 472 ވޯޓު ފޮށި ބެހެއްޓުމަށް އީސީ އިން ވަަނީ ނިންމައިފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުންނާއި، ޕީޕީއެމްގެ ފަރާތުންވެސް ސޮއިކޮށްފައިވާ ކަމަށާއި، އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ފާހަގަ ނުކުރާ ކަމަށެވެ.

ފަައިނަލް ވޯޓާސް ލިސްޓް އާންމުކުރީ، މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ވޯޓާސް ލިސްޓުގައިވާ ގޮތުން ރިޔާާސީ އިންތިހާބުގައި މިފަހަރު 262،135 މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ އެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް އިން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ވޯޓާސް ލިސްޓުގައި ދެފަރާތުން ވެސް ސޮއިކޮށް ނިމިފައިވާއިރު އިދިކޮޅު އެމްޑީޕީން ވަނީ ވޯޓާސް ލިސްޓުގެ ކޮޕީއެއް އެކޯލިޝަނަށް ލިބިފައި ނުވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން ސޮއިކުރާ ވޯޓާސް ލިސްޓުގެ ކޮޕީއެއް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ އެހެން ފަރާތަކަށް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.