ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މުވައްޒިފުންނަށް މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދު އިސްލާހުކުރައްވައި ޢާންމު ކޮމިޓީން މިއަދު ފާސްކުރައްވާފައިވާ ކަމަށެވެ.
އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭގޮތަށް، އަދި އަނބިމީހާ ވިހެއުމުން ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެމުއައި ތިން ދުވަހުގެ ޗުއްޓީ ވެސް އެއް މަސްދުވަހުގެ މުއްދަތަށް އިތުރު ކޮށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަން އިއްލާންކުރައްވާފައިވަނީ، މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ ހަތްވަނަ ދުވަހު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެވެ.
ރައީސް އެގޮތަށް ނިންމެވުމާ ގުޅިގެން ސިވިލްސާވިސް މުވައްޒިފުންގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގައި މިހާރު ވަނީ އެ އުސޫލު ގާއިމްކޮށްފައެވެ.