އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު، ރަސްމީ ދަތުރުފުޅެއްގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޝްމާ ސްވަރާޖުގެ މި ދަތުރު ފުޅުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، މުހިއްމު އެއްބަސްވުންތަކެއްގައި ރާއްޖެއާއެކު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަން ޔަގީންކޮށްނުދިން ނަމަވެސް އެކަން ދޮގުކޮށްފައެއް ނުވެއެވެ. އަދި ރަސްމީކޮށް އެކަމާބެހޭ އެއްވެސް ވާހަކައެއްް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ރާއްގެ އާއި އިންޑިޔާއާދެމު މުހިއްމު އެއްބަސްވުންތަކެއްގައި އަންނަ ހަފްތާގައި ސޮއިކުރެވޭނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުވެސް ވެނީ ވިދާޅުވެފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިދިޔަ އަންގާރަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، މީގެ ތިން އަހަރުކުރިން އިންޑިއާއިން ހުއްޓާލައިފައިވާ ހިލަ އާއި ހިލަވެލި ރާއްޖެ އަށް އެތެރެކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ލިބޭނެ ކަމަށެވެ.
އަދި އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަށް ލުއިފަސޭހަ އިންތިޒާމްތަކެއް އަންނަ ހަފްތާގައި ހަމަޖެހިގެންދާނެކަމަށް ވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ފިޔާ، އަލުވި އަދި ބިހާއި، ކާޑުގެ ބާވަތްތަކެވެ. އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އަހަރަކު އެއްފަހަރު ވެވޭ އެއްބަސްވުމުގެ ދަށުންނެވެ. މިއީ ކޮންމެ އަހަރަކު އާކުރާ އެއްބަސްވުމެކެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަށްވެސް އަންނަ ހަފްތާގައި ލުއިކަމެއްލިބި އެކަމުގައި އޮންނަ އެއް އަހަރު ދުވަހުގެ މުއްދަތު ތިން އަހަރު ދުވަހަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ވިސާގެ މައްސަލައިގެ އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.