ޚަބަރު

މާލޭގެ ގަރާޖެއްގައި އަނެއްކާވެސް އަލިފާނުގެ ބޮޑު ހާދިސާއެއް، މިހާތަނަށް 10 މަރު!

10 Nov 20:56
މުހައްމަދު ޖަމްޝަތް ވަހީދު

އަލިފާނުގެ ހާދިސާގައި މަރުވީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެއްކަން ކަށަވަރުވެއްޖެ. އޭގެ ތެރެއިން އެކަކަކީ ފިރިހެނެއް އަދި އަނެއްކަކީ އަންހެނެއްކަން ވަނީ ޔަގީންވެފައި.

10 Nov 17:54

މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގުން މަދުކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ މާލޭގައި އޮތް ތޮއްޖެހުމަށް ހައްލެއް ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ

އެ މަނިކުފާނު އެހެން ވިދާޅުވީ، ރޭ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން

10 Nov 16:14

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި. އެ ސަރަހައްދުގައި ޑިފެންސް މިނިސްޓަރު މާރިޔާވެސް އެބަ ހުންނެވި.

10 Nov 15:57

10 Nov 15:41
އަލީ ޔާމިން

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަޑައިގެންފި

10 Nov 14:46

10 Nov 14:26

ރޯވި އިމާރާތުގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާގެ މީހުން ދިރިއުޅޭ: އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ކޮމަންޑަންޓް ކާނަލް އިބްރާހިމް ރަޝީދު

10 Nov 14:25
ރިފާ ހަލީލު

އަލިފާނުގެ ހާދިސާގައި އައިޖީއެމްއެޗަށް ގެނައީ ދެ މީހުން. އޭގެ ތެރެއިން އެކަކު ގެނައި އިރުވެސް ވަނީ މަރުވެފައި. އެއީ އަންހެނެއް.

އަނެއް މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި. އެއީ ބަންގްލަދޭޝްގެ ފިރިހެނެއް.

10 Nov 14:05
އަލީ ޔާމިން

ރޯވި އިމާރާތް ހުރީ ޑެގް އަޅައި ތިން ބުރިއަށް ހަދާފައި. އެތަނަށް އަރަން ހުންނަނީ ހަނި ސިނޑިއެއް. ކޮޓަރިތައް ހަދާފައި ހުރީ ޕާޓިޝަން ޖަހައިގެން. ދެ ކުޑަދޮރާއި މެއިން ދޮދު ނޫނީ ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް.

10 Nov 13:43
އަލީ ޔާމިން

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަރާޖު ތެރެއިން މިހާތަނަށް ނެރުނު 10 މީހުންނަކީވެސް އިންޑިއާ މީހުން.

10 Nov 13:04

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން ދިހަ މީހުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެމްއެންޑީއެފް އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް.

10 Nov 12:37
10 Nov 12:31

އެމްއެންޑީއެފުން ބުނީ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން ނުވަ މީހަކު މަދުކަމަށް މައުލޫމާތުދިނުމުން އެ މީހުން ހޯދުމުގެ މަސައްކަތްކުރި ކަމަށާއި އެމީހުން މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް.

10 Nov 12:23

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 9 އަށް އަރާފައިވާ ކަމަށް އެމްއެންޑީއެފާއި ފުލުހުން މައުލޫމާތުދޭ.

10 Nov 09:13

އެ އިމާރާތުގެ ތެރޭގައި އަދިވެސް އިތުރު މީހަކު އޮތް ކަމުގެ މައުލޫމާތު ލިބޭ. އެމްއެންޑީއެފުން އަދިވެސް އެ އިމާރާތް ބަލައި ފާސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން.

10 Nov 09:10

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައިވަނީ ބިދޭސީ އަންހެނެއް. އޭނާގެ ހަށިގަނޑު އެމްއެންޑީއެފުން ނެރުނީ އަލިފާން ރޯވި އިމާރާތުގެ ތެރެއިން. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި. އޭނާއާއެކު އިތުރު މީހަކުވެސް ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވޭ. ނަމަވެސް އޭނާގެ ހާލަތު އަދި އެނގިފައެއް ނުވޭ.

10 Nov 07:37

ދުމުގެ އަސަރުކޮށްގެން ދެ މީހަކު އައިޖީއެމްއެޗަށް ގެންދިޔަ.

10 Nov 07:32

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފި.

10 Nov 07:03
މުޙައްމަދު ޝަމްޢޫން

ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބޭ.

10 Nov 07:01

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އިސްކަންދަރު މަގުގައި ހުރި މ. ސެންޑްރޯސް ދެކުނު ބައިގައި ކަމަށް. އަދި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް.

10 Nov 06:59

އެ ސަރަހައްދަށް ގިނަ މީހުން ވަނީ އެއްވެފައިވާ އިރު، ފުލުހުން ވެސް ހަރަކާތްތެރިވޭ.

10 Nov 06:47
10 Nov 06:46
10 Nov 06:45
މުޙައްމަދު ޝަމްޢޫން

ގަރާޖާ ކައިރި އިމާރާތްތަކުން މިހާރު ވަނީ މީހުން ހުސްކޮށް، ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި. ގަރާޖުގެ ތެރެއިން ގޮވުމުގެ އަޑުތަކެއް އިވޭ. ބެލެވޭ ގޮތުގައި އެއީ ކެމިކަލްތަކުގައި އަލިފާން ހިވާތީ ގޮވާ އަޑެއް.

10 Nov 06:44
10 Nov 06:42
މުޙައްމަދު ޝަމްޢޫން

އެ ގަރާޖަކީ ކާރު ޕެއިންޓުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލް ހުރި ގުދަނެއް. ގަރާޖުގައި ދަނީ ވަރަށް ބޮޑަށް ރޯވެ އަނދަމުން. އަލިފާން ހިފާފައި ހުރީ ގަރާޖު އިމާރާތުގެ އެތެރޭ ފަޅީގައި.

މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފުން ހަރަކާތްރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މާވެޔޮ މަގުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 12:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މިރޭ 12:27 ހާއިރު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލު އަންނަނީ....