ފެބްރުއަރީ 7، 2012އާ ގުޅިގެން ހިނގިި ހަމަނުޖެހުމުގައި ދައުވާ ކުރި މީހުންގެ ތެރޭ ހިމެނޭ އެމްޑީޕީގެ 70 މެމްބަރެއްގެ މައްސަލަ ރިވިއުއަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން އާންމު ކުރި ބަޔާނެއްގައި އެ ޕާޓީން 7 ފެބްރުއަރީ 2012ގައި އެމްޑީޕީ ސަރުކާރު ވައްޓަލައި ހިންގި ހަމަނުޖެހުމުގައި ޓެރަރިޒަމްގެ އަމަލު ހިންގީ ކަމަށް ބުނެ އައްޑު އަތޮޅުން ދައުވާކޮށްފައިވާ 70 މީހެއްގެ މައްސަލަ މުރާޖައާކުރުމަށް ހުށަހަޅަފައިވާކަން ވަނީ ބުނެފައެވެ. މި 70 މީހުންގެ މައްސަލަ މުރާޖާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އެމްޑީޕީން ހުށަހަޅާފައި ވަނީ އިއްޔެއެވެ.
މިހާރުގެ ބަންޑާރަ ނައިބު ވަނީ “މީހަކު ކުރާ ކުށުގެ އަމަލެއްގެ މައްޗަށް ދައުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ އަމަލު ތަޖުރީމުކުރާ އެއް ގާނޫނަށްވުރެ ގިނަ ގާނޫނު އޮތްނަމަ، ދައުވާކުރާނީ އެތަނުން މުއްތަހަމަށް ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ގާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބައްޓަން” ކުރަންވާނެ ކަމަށް ސަރުކާރުގެ އާންމު ސިޔާސަތުގައި ކަނޑައަޅުއްވައިފައެވެ. ނަމަވެސް މައްސަލަ މުރާޖާ ކުރުމަށް ހުށަހެޅި 70 މީހުންގެ ދައުވާތައް މިހާރު ހުރިގޮތުން ކުށް ސާބިތުވެއްޖެ ނަމަ އެމީހުންނަށް ކަނޑައެޅޭނީ އެކަމަށް އެންމެ ލުއި އަދަބެއް ނޫނެވެ. އެމްޑީޕީން މި މައްސަލަތައް މުރާޖައާ ކުރުމަށް ހުށަހެޅީ ކުށް ސާބިތުވެއްޖެ ނަމަ އެމީހުންނަށް ދެވޭ އެންމެ ލުއި އަދަބު ހޯދައި ދިނުމަށް ކަމަށް އެ ޕާޓީން ބުނެއެވެ.
ފެބްރުއަރީ 7އާ ހަމަނުޖެހުމާ ގުޅިގެން އައްޑޫއިން 71 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިރު، ގދ. ތިނަދޫން 94 މީހެއް އަދި ލ. އިސްދޫގެ ހަތަރު މީހެއްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. މީގެ އިތުރުން ހއ. އިހަވަންދޫގެ 22 މީހަކާއި، ރ. އަލިފުށިން ހަތަރު މީހަކާއި، ހއ. ދިއްދޫ އަށް މީހަކާއި، ބ. ތުޅާދޫން ހަތަރު މީހެއްގެ އިތުރުން ވެސް އެކި މީހުންގެ މައްޗަށް ވަނީ އެދުވަހުގެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކެއް ޖޫރިމަނައަކާއެކު ނިންމާލާފައިވާ އިރު، އެތައް މައްސަލައެއް ވަނީ އަނބުރާ ގެންގޮސްފައެވެ.