ތިލަމާލެ ބުރިޖުގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ބުރިޖު މަޝްރޫއުގެ މަސައްކަތަށް ކަނޑުގައި ޖެހުމަށް ނިންމާފައިވާ ޓެސްޓު ޕައިލްތަކުގެ ތެރެއިން ޓީޕީއޯ ޕައިލްގެ ކޮންކުރީޓު މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. ބުރިޖުގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ޓީޕީއޯ ޕައިލްގެ މަސައްކަތަށް ދެ ފްލޯޓިން ބެޗިން ޕްލާންޓް ބޭނުންކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01ގެ ކޮންކްރީޓް މަސައްކަތް ވަނީ ފެށިފައެވެ. މި މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުންކުރަމުންނެވެ..،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބުރިޖުގެ ކޮންކުރީޓުގެ ޕައިލްތަކުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފަށާގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އެ މަސައްކަތް ނުކުރެވި ވަނީ ލަސްވެފައެވެ. އެ މަސައްކަތް ނުފެށި ލަސްވި ސަބަބެއް ޕްލޭނިން މިނިސްޓްރީ އަދި އެފްކޮންސް އިން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ކޮންކުރީޓު ޕައިލްތަކުގެ މަސައްކަތަށާއި ބިމުގެ ވަރުގަދަކަން ވަޒަން ކުރުމުގެ ގޮތުން ހަދަންޖެހޭ ސާވޭގެ މަސައްކަތް އެފްކޮންސް އިން ވަނީ މިދިޔަ ޖެނުއަރީ މަހު ނިންމާލައިފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ. މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ.
އެފްކޮންސް އިން ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅައިލުން 2023ގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށާއި ބުރިޖުގެ ހުރިހާ މަސައްކަތެއް 2024 ގެ ނޮވެންބަރު މަހަށް ފުރިހަމަކުރެވޭނެ ކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއަށް އިންޑިއާއިން ވަނީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. ދެން އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ފައިސާ އިންނެވެ.
އެ ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.