ޚަބަރު

ކޮރަޕްޝަންގެ ތުހުމަތުގައި އަލްހާން ފަހުމީ އޭސީސީއަށް ހާޒިރުވާން އަންގައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަމުރު ކޮށްފިއެވެ.

އޭސީސިއަށް ހުށަހަޅާފައިވާ މައްސަލައެއް ރައްދުވާ ފަރާތުގެ ގޮތުން މިއަދު 15:00 އަށް އޭސީސީއަށް ހާޒިރުވާން އަމުރުކޮށް، އޭސީސީން އަލްހާން އަށް ފޮނުވާފައިވާ ޗިޓް ގައި ބުނެފައިވަނީ، އޭނާ ހާޒިރު ކުރަނީ، ގާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމްތައް ދީފައިވާކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

" 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ޖުމްހޫރީ ޕަޓީގެ ކެނޑިޑޭޓް އަލްހާން ފަހުމީ ގާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމްތައް ދީފައިވާކަމަށް ބުނާ މައްސަލަ،" އަލްހާނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހުލާސާގެ ގޮތުގައި އޭސީސީން ފޮނުވާފައިވާ ޗިޓްގައި ބުނެފައިވެއެވެ.

މިމަހު ކުރީކޮޅު "އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019"ގެ ނަމުގައި އަލްހާން ވަނީ ފުޓްސަލް މުބާރާތެއް ބާއްވައިފައެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 33 ޓީމް ބައިވެރިވިއެވެ.

ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ވަނީ އިނާމެއްގެ ގޮތުގައި ދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްލަބު ޓީނޭޖް ބަލިކޮށް، އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019ގެ ޗެމްޕިއަންކަން ހޯދީ މަސްއޮޑި ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމްގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އަދި ފެއާ ޕްލޭ ކުޅުންތެރިން ވެސް ވަނީ ހޮވައިފައެވެ.