ޚަބަރު

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑޮދޮށަށް ވެލި އެޅުމުގެ މަސައްކަތް ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓުން 44.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، ބޭރުތޮށި ލުމުގެ މަސައްކަތުގެ 86 ޕަސެންޓް ނިންމާލާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުރެންދޫއަކީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި އެރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ލިބި، މޫދާ ކައިރީގައި ހަދާފައިވާ ރީތި ފުޓްބޯޅަ ދަނޑަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.