ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މުހިއްމު ކަމަކީ އެރަށެއްގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދަޅުވެއްޖެއެވެ.
ވ.ކެޔޮދޫގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އިތުރު މަގުތަށް ފަހި ކުރުމުގެ ގޮތުން މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ވަރަށް އަވަހަށް ދޫކުރަންފަށާނެކަމަށެވެ. އެގޮތުން އެސްއެމްއީ ބޭންކް ހުޅުވުމުން އަންނަ ހަފްތާތެރޭ މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ދޫކުރެވެން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ ތަރައްގީ ކުރެވޭނީ ހިދުމަތްތައް ވީހާވެސް ކައިރިން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރެވި ބާރުތައް މައި ސަރުކާރުން ދޫކޮށްލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމުގައި ތިއްބަވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނީ އޭރުންކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރެވި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަންދީ މާލީ ފުދުންތެރިކަންދީ އެރަށެއްގެ ތަރައްގީއަށް ޓަކައި އެރަށެއްގެ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމުގައި ކައުންސިލްތައް ބާރުވެރި ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި ގާނޫނަށް ކައުންސިލްތަކަށް އިންތިހާބުކުރެވޭ ފަރާތްތަކުގެ ތެރޭ އަންހެނުންނަށް ވަކި ވަރެއް ހާއްސަކުރެވިގެންދާނެހެން ގާނޫނު ބަދަލުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.