ޚަބަރު

އެމްއައިބީގެ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން މުދާ ގަނެވޭގޮތް ހަދައިފި

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން މުދާ ގަނެވޭ ގޮތް ހަދައިފި އެވެ.

ސްޓެލްކޯއިން މައުލޫމާތުދޭ ގޮތުގައި ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނާއި އަދި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި ކަރަންޓާ ގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައްވެސް ކަސްޓަމަރުންނަށް އެ ސްކީމްގެ ދަށުން މިހާރު ގަނެވޭނެ އެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް ނެގޭ ސްކީމެކެވެ. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެ އެވެ.

މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ ގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ގިނަ ފަސޭހަތައް ލިބިގެންދާއިރު ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ހިޔާރު ކުރެވެއެވެ.

އޭގެ އިތުރުންވެސް މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވޭނެ އެވެ. އެ މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.