ޚަބަރު

މެންބަރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ އިލްމާއި ތަޖުރިބާ އިބްރާހިމްގެ އެބަހުރި: ޑރ.ޝަހީމް

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ ޝައިހު އިބްރާހީމް މުޙައްމަދަކީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޢިލްމާއި ފިކުރާއި ސިޔާސީ ތަޖުރިބާހުރި ބޭފުޅެއްކަމަށް ވިދާޅުވެ ޝައިހު އިބްރާހިމްއަށް ތާއީދު ކުރެއްވާކަމަށް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމު އެމަނިކުފާނުގެ އަމިއްލަ ފޭސްބުކް ޕޭޖުުގައި ވިދާޅުވެފައިވަނީ، ޝައިހު އިބްރާހިމް އަކީ މޮޅު އަދި ތައުލީމީ، އިލްމީ ބޭފުޅެއް ކަމަށާއި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއް ކަމަށެވެ. އެއި އެއީ އިލްމީ އާއިލާއަކަސް ނިސްބަތްވާ ބޭފުޅެއް ކަމަށްވެސްވިދާޅުވިއެވެ.

"އެއީ ޢިލްމީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެއްވެސް މެއެވެ. އޭނާގެ ބައްޕާފުޅު ފަޟީލަތުއްޝައިޚު މުޙައްމަދު އިބްރާހީމް އަކީ ދިވެހިރާއްޖޭގައި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލެއްވި ބޭފުޅެކެވެ. އެއީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރެއްވި ބޭފުޅެކެވެ. ނުވަދިހައިގެ އަހަރުތަކުގައި ޖަލުގައި އިންސާނިއްޔަތާ ޚިލާފު އެތައް އަނިޔާއެއް އިއްބެގެ ބައްޕާފުޅަށް ލިބިވަޑައިގެންފައިވެއެވެ. އެ ހުރިހާ ހިތާމަތަކެއްގެ ތެރޭގައި އިއްބެމެންވަނީ ޙަޔާތުގެ ދުވަސްތައް ހޭދަކޮށްފައެވެ. މިހެންކަމުން އެފަދަ މާޙައުލަކުން ތަޖުރިބާ ޙާޞިލްކުރައްވާފައިވާ ޢިލްމީ ޒުވާން ބޭފުޅަކު ރައްޔިތުންގެ މަޖުލީހުގައި އިންނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. އޭނާއަކީ ރައްޔިތުންގެ ޙައްޤުގައި އިޚުލާޞްތެރިކަމާއެކު ވަކާލާތު ކުރެއްވޭނެ ޤާބިލްބޭފުޅެކެވެ.،" ޑރ ޝަހީމު ވިދާޅުވެފައިވެ އެވެ.

ޑރ.ޝަހީމު ވިދާޅުވީ، އިބްރާހީމް މުޙައްމަދު ފަދަ އިސްލާމީ ޢިލްމާއި ޒަމާނީ ފިކުރާއި ތަޖުރިބާ ލިބިފައިވާ ބޭފުޅަކު މަޖްލީހުގައި އިންނެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން އެދާއިރާގައި ތިއްބެވި މިދިޔަ ރިޔާސީ އިންތިޚާބުގައި ޑރ.ޝަހީމަށް ތާއިދުކުރެއްވި އެންމެހާ ބޭފުޅުން އިބްރާހީމް މުޙައްމަދަށް ތާއިދުކުރައްވައި ވޯޓު ދެއްވުމަށް ޝަހީމު ވަނީ އެދިވަޑައިގެންފައެވެ.

އަދި އެންމެހާ އެކުވެރިންގެ އެހީތެރިކަން މިކަމުގައި އިއްބެ އަށް ދެއްވުމަށް ވެސް ޝަހީމު ވަނީ އެދިވަޑައިގެންފައެވެ.

"އޭނާއަކީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޢިލްމާއި ފިކުރާއި ސިޔާސީ ތަޖުރިބާހުރި ބޭފުޅެއްކަމަށް ފެންނާތީވެ، އިބްރާހީމް މުޙައްމަދު ކުރިމަތިލައްވާފައިވާދާއިރާ ( މައްޗަންގޮޅި މެދު) ދާއިރާގެ ރައްޔިތުން، ވަކިން ޚާއްޞަކޮށް އެދާއިރާގައި ތިއްބެވި މިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ތާއިދުކުރެއްވި އެންމެހާ ބޭފުޅުން އިބްރާހީމް މުޙައްމަދަށް ތާއިދުކުރައްވައި ވޯޓު ދެއްވުމަށް އެދި ދަންވަމެވެ. އިބްރާހީމް މުޙައްމަދު ފަދަ އިސްލާމީ ޢިލްމާއި ޒަމާނީ ފިކުރާއި ތަޖުރިބާ ލިބިފައިވާ ބޭފުޅަކު މަޖްލީހުގައި އިންނެވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެހެންކަމުން އެންމެހާ އެކުވެރިންގެ އެހީތެރިކަން މިކަމުގައި އިއްބެ އަށް ދެއްވުމަށް ވެސް ދަންނަވަމެވެ.،" ޝަހީމުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.