ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރި ކޯލިޝަންގެ އެއްވެސް ޕާޓީ އަކަށް ދެރަގޮތެއް ވިޔަކަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާ ހުސެއިން ގާސިމް އަށް ކެމްޕެއިންކޮށްދެއްވުމަށް ވ.ކެޔޮދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ހަމައެކަނި އެމްޑީޕީގެ މަސައްކަތުން ނޫންކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުންވެސް އެކި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން އަބަދުވެން ހަނދާނުގައި ބަހައްޓަވާނެ ކަމަށާއި އެއިން އެއްވެސް ޕާޓީ އަކަށް، އަދި އެއްވެސް ބޭފުޅަކަށް ދެރަ ގޮތެއް ވިޔަ ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގަތީ މުޅިރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށް ވެވަޑައިގެން ވައުދުތަކަކާއެކު ކަމަށެވެ. އަދި މިއީ ކޮންމެހެން ފުއްދަން ޖެހޭ ވައުދު ތަކަކަށް ވާއިރު މި ވައުދުތައް ފުއްދުމަށް ހުރިހާ މުއައްސަސާ ތަކާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިކަން ވާނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކަށް އެއްބާރުލުންދޭ މަޖިލީހަކާއެކުކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.