ރިސޯޓުތަކުން ކަނޑަށް އެއްވެސް ބާވަތެއްގެ ކުނި އެޅުން މަނާކުރާ އިސްލާހަށް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން އަމަލުނުކުރާ ކަމަށާއި މޫދަށާއި ކަނޑަށް ކުނިއެޅުން ހުއްޓާލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ހުއްދަ ދީފައިވާ މާއްދާ، ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ބާތިލުކޮށް, ރިސޯޓުތަކުން މޫދަށް ކުނި އެޅުން އެއްކޮށް މަނާކޮށްފައެވެ.
އީޕީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަކި ހާލަތްތަކެއްގައި އަމިއްލައަށް ނެތިފަނާވެދާ ކުނި ކަނޑަށް އުކާލެވޭނެ ގޮތަށް އޮތް މާއްދާ އުވާލައި އެ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު 22 އިން ފެށިގެން އަމަލުކުރަން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް ފަރާތްތަކުން ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާގޮތަށް ކުނި މެނޭޖުކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރަމުން ނުދާކަން ފާހަގަވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މޫދަށާއި ކަނޑަށް ކުނި ކުނިއެޅުން ހުއްޓާލުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އަމަލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އީޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫދަށާއި ކަނޑަށް ކުނި ނާޅައި ތިމާވެއްޓަށް އެންމެ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން މަނާ ކުރި އިސްލާހަށް އަމަލު ކުރުން އަންނަ އަހަރަށް ފަސް ކުރަން ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއަކުން ވަނީ އަންގައިފައެވެ. ނަމަވެސް މިގޮތަށް އަންގާފައިވަނީ ގޯސްކޮށް ކަމަށާއި ކަނޑަށް ކުނި އަޅާ ރިސޯޓުތަކަށް އީޕީއޭގެ ގަވާއިދުގެ ދަށުން މިހާރުވެސް ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.