ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް ޔާމީން ބަލި ހާލަތު ހުރިގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް މިރޭ ވަނީ ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފައި ކަމަށެވެ.
އެމަނިކުފާނު ގޭބަންދަށް ބަދަލުކުރެއްވީ ގޭބަންދުގައި ހުންނަ މުއްދަތުގައި އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހުގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އަދި ގޭބަންދަށް ބަދަލުކުރެވުނީ އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންވެސް އެ ޝަރުތުތަކަށް އަމަލުކުރުމަށް އެއްބަސްވެވަޑައިގަތުމުން ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ރައީސް ޔާމީނަށް ކުއްލި ގޮތަކަށް ފަރުވާ ދެއްވުމަށް މިމަހުގެ ހަތެއްގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އެމަނިކުފާނު ވަނީ އޭގެ ކުރީންވެސް ދެ ފަހަރެއްގެ މަތީން އައިޖީއެމްއެޗުގައި އެޑްމިޓުކުރައްވައިފައެވެ.