މުހައްމަދު ޖަމްޝަތް ވަހީދު
ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ)ތަކުން ޓެކުހާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ނުދައްކައި ހުރިކަން ހާމަވެއްޖެ އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް އެސްއޯއީ ތަކުން ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 890 މިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން އާމްދަނީން ނުލިބިވާ ފައިސާގެ އަދަދު 88 މިލިއަނަށް އަރަ އެވެ. އެއީ ޓެކްސް ދައްކަން ޖެހޭ މުއްދަތު ހަމަވެ، ޖޫރިމަނާއަށް ދައްކަން ޖެހޭ އަދަދު ނުހިމަނައެވެ. ޖޫރިމަނާ ހިމަނައިގެން މި އަދަދުތަކުގެ ޖުމްލަ 1.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
ދައުލަތަށް ދައްކަން ޖެހި، ނުދައްކަވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން އަމަލުކުރާ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިގޮތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އަންނަނީ އެކި ގޮތްގޮތަށް އާއްމުކުރަމުންނެވެ. ނަމަވެސް ދައުލަތަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީން ފައިސާ ނުދަައްކަނީ ކޮންކޮން އެސްއޯއީ ތަކަކުން ކަމެއް އަދި މި ފައިސާ ނުދައްކަނީ ކިތައް އެސްއޯއީ އަކުން ކަމެއްވެސް މީރާއިން ހާމައެއް ނުކުރެ އެވެ.
މީރާގެ އޮފިޝަލަކު "ވަން" މިއަދު ވިދާޅުވި ގޮތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާ އުސޫލުގެ ދަށުން ދައުލަތުގެ ކުންފުނިތަކުގެ ނަންތައް ނުހިމަނަން އެ އިދާރާއިން ވަނީ ނިންމާފައެވެ.
މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި އިންކަމް ޓެކްސް، ޖީއެސްޓީ އާއި އެހެނިހެން ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ 5.5 ބިލިއަން ރުފިޔާ ހިމެނެއެވެ. ރިސޯޓުތަކުގެ ކުލިން ނުލިބިވާ ފައިސާގެ އަދަދު 9.1 ބިލިއަނަށް އަރާއިރު ޓެކްސް ނޫން އެހެނިހެން އާމްދަނީން ލިބެންވާ ފައިސާގެ އަދަދު 587 މިލިއަން ރުފިޔާއަށް އަރައެވެ.
މި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދައުލަތުގެ މާލިއްޔަތާ ބެހޭ ވަޒީރު، އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކުރުމާއި ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހެޅުމަކީވެސް އެކަމަށް އަޅާ ފިޔަވަޅެއް ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި އޮޕަރޭޓްކުރާ ރިސޯޓުތަކުން ލިބެން ޖެހޭ ބިމު ކުލި ހޯދުމަށްޓަކައި، އެކަމާބެހޭ އުސޫލު އިތުރަށް ހަރުދަނާ ކުރަމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް އޮޕަރޭޓް ނުކުރާ ރިސޯޓުތަކުގެ ބިމު ކުލި ހޯދަން ދަތި ކަމަށާއި އެ ފައިސާ ހޯދުމަށްޓަކައިވެސް އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.