ޚަބަރު

ގާނޫނު ހެދުމާއި ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރަށް ބަލާއިރު ރާއްޖެ އޮތީ ވަރަށް ފަހަތުގައި: މިނިސްޓަރު

އަހުމަދު ޖައިޝަން

ގާނޫނު ހެދުމާއި ސިޔާސީ ދާއިރާގައި އަންހެނުން އަދާކުރާ ދައުރަށް ބަލާއިރު ދިވެހި ރާއްޖެ އޮތީ ވަރަށް ފަހަތުގައި ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ކޮމިޝަން އޮން ސްޓޭޓަސް އޮފް ވިމެންގައި ރާއްޖޭގެ ހާލަތާ މެދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝިދާތާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ގާނޫނު ހެދުމުގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެން ސިޔާސީ ފަރާތް ކަން ފާހަގަކުރައްވާފައެވެ.

"މުޅި އާބާދީއަށް ބޭނުންވާ ފަދަ ޕޮލިސީތަކެއް ނުހެދޭނެ އެ ފަރާތްތައް ތަމްސީލުކުރަން އެދެވޭ ވަރަށް އެކަށީގެންވާ ފަރާތްތައް ނެތިއްޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

އަންހެނުންނަށް ކުރިމަތިވާ އިޖުތިމާއީ އަދި އިގްތިޞާދީ ދަތިތަކަށް ހައްލެއް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ އަންހެނުން ސިޔާސީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ގިނަ މަސައްކަތް ކުރަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ އަތޮޅުތަކުގައި ދިރިއުޅޭ އަންހެނުންނަށް މޯބައިލް ބޭންކިން އައި ލޯންތަކުގެ ޒަރިއްޔާއިން ފަސޭހައިން ފައިސާތައް ލިބޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އަދި އެގޮތުން ދަނޑުވެރިކަން ކުރާ އަންހެނުންނަށް ހާއްސަ ލޯން ސްކީމުތަކެއް ކައިރި މުސްތަގުބަލެއްގައި ހަމަޖެހިގެން ދާނެކަމަށްވެސް އޭނާގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވެއެވެ.