ޚަބަރު

އެމްއެމްއޭގެ ގަވަރުނަރު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ

އަހުމަދު ޖައިޝަން

މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ ފުލުހުން ބަލަމުންގެންދާ މައްސަލައެއްގައި އެމްއެމްއޭގެ ގަވަރުނަރު ފުލުހަށް ހާޒިރުކުރުމަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހަށް ހާޒިރުކުރާނެ ވަގުތެއް ނުވަތަ އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެމްއޭގެ ގަވަރުނަރުގެ މައްސަލައެއް ބަލަން ފަށާފައިވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. ނަމަވެސް ހުށަހަޅާފައިވަނީ ކޮންކަހަލަ މައްސަލައެއްކަން ފުލުހުން ނުބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގަވަރުނަރު ނަސީރާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައި ވަނީ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އެ ގޮތުން ނަހަމަގޮތުގައި މަގާމުގެ ބޭނުން ކުރިކަމުގެ ތުހުމަތު ވަނީ ނަސީރަށް ކޮށްފައެވެ.