އަލީ ޔާމިން
ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތަކާ އެކުވެގެން 3 ނޮވެމްބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއަކީ، ދިވެހި ތާރީހުގައިވެސް މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި ހަމަލާ ކަމަށެވެ.
"އެ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ގައުމުގެ އަދާވާތްތެރި ދުޝްމަނުން. އެބައިމީހުން ހަނގުރާމަކުރަމުން ގެންދިޔައީ މުޅި ގައުމު އެމީހުންގެ އަތްމައްޗަށް ގެންދިއުމަށް" އެމްއާރްއެމުން ބުންޏެވެ.
ތިނެއް ނޮވެމްބަރުގެ ހަމަލާއާ ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން ރާއްޖެ ހިމާޔަތްކޮށްދޭން ތައްޔާރަށް އޮތްކަން ފާހަގަކޮށް އެމްއާރްއެމުން ބުނީ، ރާއްޖެއަށް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިން ކަމަށެވެ.
އެމްއާރްއެމުން ބުނީ ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ ޒިކުރާ އަބަދުވެސް އާކުރަން ޖެހޭނެ ކަމަށާއި ނަސްރުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭނެ ކަމަށެވެ.
އެމްއާރްއެމުން އިތުރަށް ބުނީ، ނަސްރުގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގައި އޮތް އެއްބައިވަންތަކަން ދަމަހައްޓައި ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.