ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންނަށް ދިމާވާ ދަތިތައް މަހިބަދޫ ކައުންސިލަރުން ރައީސަށް ދަންނަވައިފި

އދ. މަހިބަދޫ ކައުންސިލަށާއި ރަށު ރައްޔިތުންނަށް ދިމާވާ ތަފާތު ދަތިތައް، ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަހިބަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި ކަމަށެވެ.

އެގޮތުން، ރައްކާތެރި ގޮތެއްގައި ކުނި ނައްތައިލާނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން އެކި ގޮތްގޮތުން ކުރިމަތިވަމުންދާ މައްސަލަތައް މަހިބަދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކައުންސިލްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ކައުންސިލް މެންބަރުން އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން އެ އިދާރާއަށް ކުރިމަތިވެފައިވާ ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

އަދި ރަށުގައި ބޯހިޔާވަހިކަން ދަތިވެފައިވުމުގެ ސަބަބުން އިޖުތިމާއީ ގޮތުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަންވެސް މަހިބަދޫ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އަދި، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިބައްދަލުވުމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.