ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީސީގެ މެންބަރު ކަމަށް ހަބީބު އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އިސްމާއީލް ހަބީބު މިއަދު އައްޔަން ކުރައްވައިފިއެވެ.

ހަބީބު އެމަގާމަށް އައްޔަނު ކުރެއްވީ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ގާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަބީބުއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ މިރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދު ކުރިފުޅުމަތީގައި، ހަބީބު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއި ކުރެއްވިއެވެ.

ހަބީބު މިއަދާ ހަމައަށްވެސް ހުންނެވީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައެވެ. ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިއަދަށެވެ.