ޖަރުމަނު ވިލާތުގެ ބާލިންގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ޖަރުމަން ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، އައި.ޓީ.ބީ ފެއާގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވީ ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.
މި ފެއާގެ ތެރޭގައި، ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހިޒް އެކްސެލެންސީ އޭއީ އަމަރަތުންގާ ވަނީ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އައި.ޓީ.ބީ ބާލިން ފެއާގައި ބައިވެރިވި ދިވެހިންގެ ޝަރަފުގައި ގްރޭންޑް ހަޔަޓް ހޮޓެލުގައި ބޭއްވި ދިވެހި ހަވީރުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އައިޓީބީ ބާލިންގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް ފިންލެންޑަށް ވަޑައިގެން އެގައުމުގެ ޔުނިވަރސިޓީ އޮފް ޔޫވެސްކީލާއަށް ޒިޔާރާތްކުރައްވައި އެތަން ބައްލަވާލައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.