ޚަބަރު

ޗާގޯސް މައްސަލައިގައި ޔާމީން: ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުގެ ނިންމުން އަނބުރާ ޖަހާނަން!

އަލީ ޔާމިން

ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ރާއްޖެއިން އެއްބަސްވެ، އެގައުމުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅު ފޮނުއްވީ، ގާނޫނާ ހިލާފަށް ކަމަށާއި އެކަމަށް ޕީޕީއެމްގެ ވެރިކަމެއްގައި އިހުތިރާމު ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، ޗާގޯސް މައްސަލައިގައި މި ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް މި ސަރުކާރުން ގަބޫލުކުރި ކުރުން ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ޖަހާނެ ކަމަށް ވިދާޅުވިއެވެ.

"ﷲގެ ރަހުމަތާ އެކީ 2023 އަކީ ދިވެހި ރައްޔިތުންގެ އަހަރެއް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށް ވަންޏާ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް، މިހާރު ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ރައީސް ސޯލިހަށް އެ ސިޓީފުޅު ފޮނުވިގެން ނުވާނެ ކަމަށާއި އެ ސިޓީފުޅަށް އޮނާކުރަންވެސް ނުޖެހޭނެ ކަމަށެވެ.

"އެއީ ގާނޫނާ ހިލާފަށް، އޮންނަ އުސޫލުތަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކަށް އޮނާއެއް ނުކުރެވޭނެ." ޔާމީން ވިދާޅުވިއެވެ.

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކޮށް 22 އޮގަސްޓު 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އދ. ގައި ރާއްޖެއިން ވޯޓުލާފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ.

މިހާރު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަތަސް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެއީ ވަކި މައްސަލައެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އިމުގެ މައްސަލައިގައި މޮރިޝަސްއަށް ދޫނުދޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އެ ގޮތަށް މޮރިޝަސްގެ ސަރުކާރަށް އަންގައިފައިވާނެ ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.