ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ކައުންސިލަރުން ރައީސަށް ދަންނަވައިފި

ކ. ދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެރަށު ކައުންސިލު މެންބަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ދަންނަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވައިފައިވާ މަސައްކަތްތަކާއި ދިއްފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ދިއްފުށީ ކައުންސިލް އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމާއި ރަށް ގިރުމުގެ މައްސަލަ އާއި ރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ މެންބަރުން ފާހަގަކުރެއްވެވިއެވެ.

އަދި މެންބަރުންވަނީ ރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވަން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރަށަށް އޭޓީއެމް ގެ ޚިދުމަތް ބޭނުންވާކަމަށާއި ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލަށް ދަތިވެފައިވާ ކަންތައްތައް މެންބަރުން ރައީސާ ހިއްސާ ކުރެއްވިއެވެ.

މީގެއިތުރުން ރަށުގެ ޒުވާނުން ބޭނުންކުރުމަށް އިޖުތިމާއީ މަރުކަޒެއް ބޭނުންވާކަމަށާއި ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްދިނުމަށް ވެސް ކައުންސިލު މެންބަރުން އެދިވަޑައިގެންފައިވެއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިއްފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމުގައި ރައީސް އޮފީހުން ބުންޏެވެ.