ޚަބަރު

ސަބްސިޑީއަށް 2.4 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅައިފި

މުހައްމަދު ޖަމްޝަތް ވަހީދު

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓަށް ވުރެ އިތުރަށް 5.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭތީ ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓުގައި، ފިއުލް ސަބްސިޑީއަށާއި ކަރަންޓު ސަބްސިޑީއަށް 2.4 ބިލިއަން ރުފިޔާ އިތުރުކުރަން ހުށަހަޅައިފިއެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުން ފިއުލް ސަބްސިޑީއަށް ބަޖެޓުކުރީ 342 މިލިއަން ރުފިޔާއެވެ. އަދި ކަރަންޓު ސަބްސިޑީއަށް ފެނަކަ ކޯޕަރޭޝަނަށް ބަޖެޓުކުރީ 477 މިލިއަން ރުފިޔާއެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި 2023 ވަނަ އަހަރުގެ ބަޖެޓާއެކު ހުށަހެޅުއްވި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓުގައި ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ އަދި ކަރަންޓު ސަބްސިޑީގެ ގޮތުގައި ފެނަކަ އަށް އިތުރު 439.7 މިލިއަން ރުފިޔާ އިތުރުކުރަން ވަނީ ހިމަނައިފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވިގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާއެކު ތެލުގެ ސަބްސިޑީއަށް އެކަނިވެސް ސަރުކާރުން މިއަހަރުގެ 2.3 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ހަރަދުކުރަން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ދޭ ސަބްސިޑީއަކީ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މާލީ ބުރައިން އާއްމުން ސަލާމަތްކުރުމަށް ރާވައިގެން ދޭ އެހީއެކެވެ. ނަމަވެސް ތެލުގެ ސަބްސިޑީއަށް ސަރުކާރުން ކުރަންޖެހޭ ހަރަދު ބޮޑުވެ ސަބްސިޑީ ދިނުމުގެ އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ސަރުކާރުންދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި އެ ބަދަލު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޖުލައި މަސްތެރޭގައި ވިދާޅުވެފައެވެ.

އިއްޔެ މަޖިލީހުގައި ވާހަކަދައްކަވަމުން، ތެލުގެ ސަބްސިޑީ އިންޑައިރެކްޓް ސަބްސިޑީއަކުން ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ބަދަލު ނުގެންނަނަމަ، އަންނަ އަހަރު ތެލުގެ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިސްލާހުތަކާއެކު ސަބްސިޑީ ނިޒާމް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކޮށް، ތެލުގެ ސަބްސިޑީއަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނީ 588.2 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.