އެމްޓީސީސީން ސިލްސިލާކޮށް ބާއްވާ "ކަށަވަރު ޕްރޮމޯ" ގެ މިއަހަރުގެ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
އެމްޓީސީސީން "ކަށަވަރު ޕްރޮމޯ"ގެ ނަމުގައި ކޮންމެ އަހަރެއްގެ ނިމުމާ ދިމާކޮށް ސިލްސިލާކޮށް ބާއްވަމުން އަންނަ ޕްރޮމޯޝަނެކެވެ.
މިއަހަރުގެ ކަށަވަރު ޕްރޮމޯ ފެށުމުގެ ގޮތުން އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އާއި އެކުންފުނީގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ. އަދި ނަސީބުވެރިން ހޮވައި އަގުހުރި އިނާމުތައްވެސް ދެވޭނެ ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީން ވިއްކާ ވަރަށް ގިނަ ޕްރޮޑަކްޓްތަކުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަނާ ގުޅެ ގޮތުން ވާހަކަ ދައްކަވަމުން ކަށަވަރު ޝޯރޫމުގެ ސީނިއާ މެނޭޖަރު ޖިނާހު އަހުމަދު ވިދާޅުވީ މި ޕްރޮމޯޝަނަކީ މަސްވެރިންނަށް ހާއްސަކޮށް އެކުންފުނިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ.
ޖިނާހު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން މާލޭގެ ބަނދަރުމައްޗާއި އެކި ސަރަހައްދުތަކުގައި ހާއްސަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައިވެސް މި ޕްރޮމޯޝަނާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ ފައިސާ ދައްކައި ތަކެތި ގަންނަ ފަރާތްތަކަށް. މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓުތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް އާއި ކާސްޓްރޯލް އަޑީތެލާއި ޕީޕީޖީ ކޯޓިންގްސް އާއި ސްކޮޓް ބާޑާ ފައިބަރު ސާމާނާއި އިންޑަސްޓްރިއަލް ގޭސްގެ އިތުރުން މެރިން ލައިޓް،" އޭނާ ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ 5،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެއެވެ. އޭގެ އިތުރުން މުޅި ޕްރޮމޯގެ ގުރުއަތުން ހޮވޭ ފަރާތަކަށް ދެ ލައްކަ ރުފިޔާގެ އަގުހުރި 35 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށްވެސް ޖިނާހު ވިދާޅުވިއެވެ.