ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއާއިން ހިލައާއި ހިލަވެލި ރާއްޖެ އެތެރެކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ލިބޭނެ: ޝާހިދު

ޝަހީދާ އަބްދުﷲ ސައީދު

މީގެ ތިން އަހަރުކުރިން ހުއްޓާލައިފައިވާ ހިލަ އާއި ހިލަވެލި ރާއްޖެ އަށް އެތެރެކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވަމުން ދިޔަ ނަމަވެސް ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ހިލަ އާއި ހިލަވެލީގެ އިތުރުން ކާބޯތަކެތި އެތެރެކުރުމުގެ ހުއްދަވެސް ލިބިގެންދާނެ ކަމަށެވެ.

އަދި ދިވެހިން އިންޑިއާއަށް ދަތުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރުން އިސްކަންދީގެން އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން ދިވެހިންނަށް މިހާރުވެސް ލުއި ފަސޭހަ ތަކެއް ލިބިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއިން އިންޑިއާ އަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ޑިޕްޕޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓްގައި ދަތުރުކުރާ ފާރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އަންނަ ހަފްތާގައި އިންޑިއާ އާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެމަސައްކަތުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ވެސް ހިމާޔަތް ކުރާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.