ތޫނު އެއްޗަކުން ހަމަލާދީ ދެންމެ ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، "ވަން އޮންލައިން"އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާއެއްދީ މީހަކަށް އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް ވަނީ ފުލުހަށް ރިޕޯޓުކޮށްފައި ކަމަށެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:41 ހާއިރު ގޮލޮޅު ލޯލާ ކައިރީ ހުރި ގުދަނެއްގެ ތެރޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޒަހަމުވެފައިވަނީ 25 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކަށާއި 38 އަހަރުގެ ދިވެއްސަކަށް ކަމަށެވެ.
އެ ހާދިސާގައި ޒަހަމުވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ އެ ދެމީހުންގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ވަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ގަލޮޅުގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއަކަށެވެ.