އިބްރާހިމް ޒަކީ
ރާއްޖޭގެ ބަޖެޓް ސަޕޯޓާއެކު އިންޑިޔާ ސަރުކާރުން ރާއްޖެއަށް ޖުމްލަ 1.4 ބިލިޔަން ޑޮލަރުުގެ އެހީގެ ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ދެއްކެވި ވާހަކަފުޅުުގައި ބޭރު ގައުމުތަކުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް ދޭ އެހީތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާލުވީ، އިންޑީޔާ އިން ދިން އެހީގެ ޕެކޭޖްގައި ޓީބިލްގެ ގޮތުގައި 150 މިލިޔަން އަދި އެހީގެ ގޮތުގައި 50 މިލިޔަން ހިމެނޭކަމަށެވެ.
"އިންޑިޔާއިން 150 މިލިޔަން ޓީބިލްގެ ގޮތުގައި، އަދި 50 މިލިޔަން އެހީއެއްގެ ގޮތުގައި، ދެއްވި. ދެން އިންޑިޔާއިން މުޅި ޖުމްލަ 1.4 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް މި ދެއްވަނީ. އޭގައި ދިވެހި ރާއްޖެއަށް އިންޓްރެސްޓްގެ ގޮތުގައި އޮތްބައި، ލައިން އޮފް ކްރެޑިޓްގެ ގޮތުގަ މިއޮންނަނީ 800 މިލިޔަން ޑޮލަރު، އެ 800 މިލިޔަން ޑޮލަރުގެ އިންޓްރެސް ދައްކަން އިންޑިޔާ ސަރުކާރުން އެއްބަސްވޭ، އެހެންވީމާ ރާއްޖެއަށް މި ލިބެނީ ހަމަ ހިލޭ އެހީއެއްގެ ގޮތުގައި، އަނބުރާ ދައްކަން މި ޖެހެނީ 800 މިލިޔަން. ހަމަ 8000 މިލިޔަންއަށް އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި ކޮންސެޝަން ލޯނު. އެހެންވީމަ އެއީ ވަރަށްބޮޑު ލުޔަކާއެކީގައި ލިބިފައިވާ އެހީތަކެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ކަރަންސީ ސަޕޯޓްގެ ގޮތުގައި 400 މިލިޔަން ޑޮލަރު ހަމަޖެހިފައިވާތީ ދޭތެރެ ދޭތެރެއިން ދިމާވާ ޑޮލަރުގެ ދަތިކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.
"ކަރަންސީ ސަޕޯޓެއްގެ ގޮތުގައި 400 މިލިޔަން ޑޮލަރު ހަމަޖެހޭނެ އިންޑިޔާ ސަރުކާރުން، އެމްއެމްއޭ އާއި އިންޑިޔާގެ ސެންޓްރަލް ބޭންކާ އޮންނާނެ، އެހެންވީމާ ދޭތެރެ ދޭތެރެއިން މި ދިމާވާ ޑޮލަރުގެ ދަތިތައް ހައްލު ކުރުމުގައި މިހާރު މަގު ފަސޭހަވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، މީގެ އިތުރުން ޔޫއޭއީ އިން މިހާތަނަށް 50 މިލިޔަން ޑޮލަރު، ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން އެއްބަސްވެފައިވާ ކަމަށެވެ. އަދި ސައުދީ ސަރުކާރުންވެސް ބަޖެޓް ސަޕޯޓްގެ ގޮތުގައި ފައިސާ ދޭނެކަމަށް ބުނެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މީގެ އިތުރުން ޔޫއޭއީ އިން މިހާތަަނަށް 50 މިލިޔަން ޑޮލަރުގެ ބަޖެޓް ސަޕޯޓް ދެއްވުމަށް ވަނީ އެއްބަސްވެފަ، އޭގެ މަޝްވަރާތައް ކުރެވި ސޮއިކުރުމާ ހިސާބަށް މިހާރު އެދަނީ އަދިއޭގެ އިތުރުން ސައުދީ ސަރުކާރުންވެސް ބަޖެޓް ސަޕޯޓްގެ ގޮތުގައި ފައިސާ ދެއްވާނެކަމަށް ވިދާޅުވެފައިވަނީ،" ޝާހިދު ވިދާޅުވި އެވެ.