އިބްރާހިމް ޒަކީ
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ލ. ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ތެޔޮ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ލ. ކަލައިދުއަށް ދަތުރުކުރަމުންދާ ތެޔޮބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ އިންޓެލިޖެންސާއި ގަން ޕޮލިސް ސްޓޭޝަން ގުޅިގެން އިއްޔެ ހިންގި މިއޮޕަރޭޝަންގައި، ކަލައިދޫ ބަނދަރަށް ބޯޓު ގާތްކުރި ވަގުތު ފުލުހުން އެބޯޓަށް އަރައި އެމީހުން ހައްޔަރުކޮށް އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އެބޯޓުން ހޯދާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ލ.އަތޮޅު އިސްދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އައްބާސް ސުލައިމާންގެ ހިއްސާ އޮންނަ ތެޔޮ ބޯޓެކެވެ.