ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށާއި އާއިލާއިން އެދުނުގޮތަށް ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން މާދަމާ ރާއްޖޭން ބޭރަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދައި އޭނާގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ވަނީ ސިވިލް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު މައްސަލަ ހުށަހަޅައިފައެވެ.
ސިވިލް ކޯޓުގައި އަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ބުނެފައިވަނީ، އާއިލާގެ ފަރާތުން ޕޯސްޓްމޯޓަން ހަދަން ބޭނުންނުވަނީ، ހަށިގަނޑު ވީއެންމެ އަވަހަކަށް ވަޅުލުމަކީ އިސްލާމީ ޝަރީއަތުގައި ބާރު އަޅާފައިވާ ކަމަކަށްވާތީ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދާކަމުގެ މައުލޫމާތު ފުލުހުން އާއިލާއަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލައަކީ ޖިނާއީ މައްސަލައެއްގެ ތެރެއިން ނުކުމެފައިވާ މަދަނީ މައްސަލައަކަށް ވިޔަސް އެހެން މަދަނީ މައްސަލަތަކާ ހިލާފަށް މި މައްސަލައިގައި ފުލުހުންގެ އިދާރާ ތަމްސީލުކުރީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.
ދައުލަތުގެ ފަރާތުން ވިދާޅުވެފައިވަނީ، އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވަމުންދާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ފަރާތުން އިހުމާލެއްވެފައިވާކަން ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށާއި ފުލުހުންގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އިހުމާލެއްވާނަމަ އެކަމުގެ ހެކި ހޯދައި ދައުވާކުރަން ޕޯސްޓްމޯޓަމް ހަދަންޖެހޭ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލަ ބަލަމުންދާ ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ބޭނުމަށް ވެސް ޕޯސްޓްމޯޓަން ހެދުން މުހިންމު ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށާއި އެއާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށެވެ. އިސްލާމްދީނުމުގައި މަރުވެފައިވާ މައްޔިތާގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ވަޅުލުމަށް ސުންނަތުން އަންގަވާފައިވާކަން އެނގޭ ކަމަށެވެ.
މައްޔިތާގެ ޕޯސްޓްމޯޓަމް ހެދުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި ނަމަވެސް ބައެއް ހާލަތްތަކުގައި ޕޯސްޓްޕޯޓް ހެދުން ހުއްދަވެގެންވާ ކަމަށް ބަހުސް ކޮށްފައިވާކަމަށްވެސް ހުކުމުގައި ބުންޏެވެ.
އެހެންކަމުން އަބްދުﷲ ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަން ހެދުމުގެ އިހުތިޔާރު ފުލުހުން ލިބިގެންވާ ކަމަށާއި އާއިލާއިން އެދުނުގޮތަށް ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ހަސަން ފަހީމް އިބްރާހީމްއެވެ.