އިބްރާހިމް ޒަކީ
މުސްލިމުން ރަލުންލިބޭ ފާފަޔަށް ނުބަލައި ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައިވެސް މީހާ އަބާއްޖަވެރިވާނެކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހު އިލިޔާސް ހުސެއިން ވިދާޅުވެއްނެ އެވެ.
ޝައިހު މިހެން ވިދާޅުވެފައިވާއިރު، ރަލާއި ސިނގިރޭޓް ހިމެނޭގޮތަށް ކުރާ ވިޔަފާރީން ބޮޑު ފައިދާ ވާކަމަށް ވިދާޅުވެއް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރޭ ވާހަކަ ދައްކަވައިފަ އެވެ.
އއ.ތޮއްޑޫގައި ރޭ ބޭއްވި ރައްޔިތުންގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް ކަމަށާއި، ދެން އެންމެގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި ރަލާއި ސިނގިރޭޓް ކަމަށެވެ. އަދި އެ ތަކެތިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް، ދެން އެންމެގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރޭޓް، އަޅުގަނޑުމެންނަށް އިނގޭ މި އެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން މުއްސަނދިވާކަށް،" ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ.
އެކަމާގުޅިގެން ޝައިހު އިލިޔާސް މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައިވަނީ ރަލުން ލިބޭ މަންފާއައްވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަހީ ކުރައްވާހިނދު މުސްލިމުން ރަލުން ލިބޭ ފާފަޔަށް ނުބަލައި ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި ވެސް މީހާ އަބާއްޖަވެރިވާނެ ކަމެއް ކަމަށެވެ.
"ރަލުން ލިބޭ މަންފާއައްވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަހީ ކުރައްވާހިނދު މުސްލިމުން ރަލުން ލިބޭ ފާފަޔަށް ނުބަލައި ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި ވެސް މީހާ އަބާއްޖަވެރިވާނެ ކަމެއް، އިލާހީ މި ބަސްފުޅަށް ފުންކޮށް ވިސްނަވާ ފައިސަލާ ކުރައްވާ ކާކުތޯ ހެޔޮ އެދެނީ،" ޝައިހު ވިދާޅުވެފައިވެއެވެ.