އިމާދު ލަތީފު
އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސް ތިންވަނަޔަކީ ކައުންޓް ޑްރެކިއުލާގެ ސީދާ އައުލާދުންގެ ތެރެއިންވާ ބޭފުޅެއްކަމަށާއި ރުމޭނިޔާގެ ޓްރާންސިލްވޭނިއާ ސަރަހައްދަށް އާދަޔާޚިލާފު ޝައުގުވެރިކަމެއް ޗާލްސް ދެއްވަނީ އެހެންވެގެން ކަމަށް ރުމޭނިޔާގެ ނޫހަކުން ބުނެފިއެވެ. އިންސާނުންގެ ލޭބޮއެގެން އުޅުނުކަމަށް ބުނެވޭ ޑްރެކިއުލާއަކީ ކުރީޒަމާނެއްގައި ޓްރާންސިލްވޭނިޔާގައި އުޅުނު އަމީރެކެވެ.
ޗާލްސްއާއި ޑްރެކިއުލާ ގުޅެނީ ކުއީން މޭރީގެ ފަރާތުންނެވެ. އެނގިފައިވާގޮތުގައި ކުއީން މޭރީއަކީ ޑްރެކިއުލާގެ ސީދާ އައުލާދެވެ. އެއީ ޗާލްސްގެ މައިކަނބަލުން އެލިޒަބަތުގެ މާމައެވެ.
ކައުންޓް ޑްރެކިއުލާގެ ނަމުން މަޝްހޫރުވެފައިވާ ލޭބޯ އަމީރަކީ މީލާދީން ސާދަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ޓްރާންސިލްވޭނިއާގެ ސަރަހައްދެއްގެ މައްޗަށް ވެރިކަން ހިންގި އަމީރެކެވެ. ލޭބޯ މީހެއްގެ ގޮތުގައި އޭނާ މަޝްހޫރުވީ ދުޝްމަނުން މެރުމަށް ގެންގުޅުނު އަނިޔާވެރި އުސޫލުތަކުގެ ސަބަބުންނެވެ. ކޮޅު ތޫނުކޮށްފައި ހުންނަ ލަކުޑީގެ ތަނބުތަކަށް އިންސާނުން އަމުނައި ލޭއޮހޮރުވައި އެލޭތައް ޖާޑިޖާޑިއަށް އެޅުމަކީ އާއްމު ކަމެކެވެ.
ޓްރާންސިލްވޭނިއާއަކީ މިހާރު ރުމޭނިއާގެ ބައެކެވެ. ޗާލްސްގެ އާއިލާގެ ތެރޭގައި ޓްރާންސިލްވޭނިއާއަށް ޝައުގުވެރިކަން ދެއްވާ އެހެން ބޭފުޅަކު ނުވެއެވެ. ޗާލްސްގެ އަމިއްލަފުޅު ގަނޑުވަރެއްވެސް ޓްރާންސިލްވޭނިއާގައި އެބަހުއްޓެވެ. ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ގިނަގިނައިން އޭނާ ޓްރާންސިލްވޭނިއާއަށް ޒިޔާރަތް ކުރެެއްވިއެވެ.
ޗާލްސްގެ ކާބަފައިންގެ ތެރޭގައި ކައުންޓް ޑްރެކިއުލާ ހިމެނޭއިރު އެ ޑްރެކިއުލާގެ އަސްލު ނަމަކީ ލާޑް ޑްރެކިއުލާއެވެ. އިންސާނުންގެ ލޭބޮއެގެން ދާއިމީ ހަޔާތެއް ހޯދާ މީހެއްގެ ގޮތުގައި މީނާ މަޝްހޫރުވީ އިނގިރޭސިވިލާތުގެ ވާހަކަ ލިޔުންތެރިޔާ ސެމް ސްޓޯކަރ ލިޔުނު ބިރުވެރި ޚިޔާލީ ވާހަކަ ކައުންޓް ޑްރެކިއުލާގެ ސަބަބުންނެވެ.