ޚަބަރު

ދިވެހި އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ދައްކައިގެން ނުވާނެ: ޖަމީލް

މަރިޔަމް ޝަހުދާ

ދިވެހި އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވެފައި ވަނީ ރޭ ތޮއްޑޫގައި ކުރިއައްދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން، ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.ޖަމީލް ވިދާޅުވީ އިސްލާމް ދީނުގެ އަސްލާއި ހިލާފުވާގޮތަށް ވާހަކަ ނުދެއްކުމަކީ ކާބަފައިންގެ ވަސިއްޔަތެއްކަމަށެވެ. އަދި އެއީ ޒުވާނުންގެ އެދުން ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތައް ހުރި ގޮތް ކުށްވެރިކުރައްވައި ޖަމީލް ވާހަކަދައްކަވާފައިވާ އިރު، ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.