ޚަބަރު

ދެރަވެ މާޔޫސްވުމަކީ އިންސާނީ އިހުސާސްތަކެއް، އެއީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން: މުފްތީ މެންކް

ޑިޕްރެސްވެ، މާޔޫސްވުމަކީ އިންސާނީ އިހުސާސްތަކެއް ކަމަށާއި އެއީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

"ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"، ގެ މައުލޫއަށް މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން މެންކް ވިދާޅުވީ މާޔޫސްވެ ކަންބޮޑުވުމަކީ މީހާގެ އީމާންތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އެފަދަ ކަންތައްތަކުން ސަލާމަތްވާން ބޭނުން ނަމަ މާތްﷲ އަށް އަޅުކަންކޮށް ހެޔޮއަމަލުކުރުން ގިނަކުރަންޖެހޭ ކަމަށެވެ.

އަދި ކަންނެތް ކަމަކީ އިންސާނާ އިތުރަށް ޑިޕްރެޝަންގެ ތެރެއަށް ވައްޓާލައި، އޭގެ ސަބަބުން ދިރިހުރުމުގެ އުއްމީދުވެސް ގެއްލުވާލާ ކަމަކަށްވާއިރު، އެފަދަ ކަންތައްތަކުން ސަލާމަތްވުމަށް ނަމާދުކުރުމާއި ގުރުއާން ކިޔެވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

“ދެރަވެ، ޑިޕްރެޝަނާއި އެންޒައިޓީ އަދި ސްޓްރެސް ތަހައްމަލު ކުރަމުންދާ މީހުންނާ ދިމާލަށް ބައެއް މީހުން ބުނޭ އޭނާގެ އަގީދާ ބަލިކަށި ކަމަށް. މާފުކުރައްވާ. އެއީ އަދި ރަނގަޅު ވާހަކައެއް ނޫން. އޭގެ ބަދަލުގައި އެފަދަ މީހުންނަށް އެހީތެރިވެ ބާރުވެރިކުރުވާ. އެއީ ތިމާވެސް އެފަދަ ހާލެއްގައި ވެދާނެ،” މުފްތީ މެންކް ވިދާޅުވިއެވެ.

މުފްތީ މެންކް ވިދާޅުވީ މާޔޫސްކަމާއި ކުރިމަތިވެފައިވާ މީހާއަށް އެހީތެރިވާންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އެހީވާ މީހާއަށްވެސް އެތައް ދަރުމައެއް ލިބޭނެ ކަމަށެވެ. އަދި ދަރިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް މައިންބަފައިން ސަމާލުކަންދޭންޖެހޭ ކަމަށާއި ދަރިން މައިބަފައިންނާ ވާހަކަދައްކަން ބޭނުންވާ ނަމަ، އެ ކުދިން ދައްކާ ވާހަކަ އަޑުއަހަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"މައިންބަފައިން ވަރަށް ބޮޑަށް ވިސްނަންޖެހޭ. ބައެއް ފަހަރު ކުދިން އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެނީ މައިންބަފައިންގެ ފަރާތުން އެންމެ އެކަށީގެންވާ އަޅާލުން ނުލިބިގެން،" މުފްތީ ވިދާޅުވިއެވެ.

މިރޭގެ ދަރުސް އަޑުއެހުމަށް ގިނަ ބަޔަކު ކާނީވާ ސަރަހައްދަށް ޖަމާވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.