އިބްރާހިމް ޒަކީ
މިދުވަސްކޮޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހު އެ ބޭފުޅުންގެ ވެސް އެދިލެއްވުމުގެ މަތިންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަންއޮންލައިން" އަށް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ފައްޓަވަން ބޭނުންވާއިރަށް ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު އަލުން ޖަލްސާތައް ފައްތަވާނެ ކަމަށެވެ.
ޒިޔާއު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައި އޮތް ނަމަވެސް މަޖިލީހުގެ އެކި އެކި ކޮމިޓީތަކުގައި ވަރަށްގިނަ ބިލްތަކެއް އެބަހުރި ކަމަށާއި އެ ކޮމިޓީތަކުގެ މުގައްރިރުން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މަޖިލީހުގެ އެކި އެކި ކޮމިޓީތަކުގައި ހުރި މުހިއްމު ބިލްތަކުގެ ތެރޭގައި، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީތަކަށް ބާރު ދިނުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ރައްކާތެރިކަން ދިނުމުގެ ބިލާއި ޖަމްއިއްޔާތަކުގެ ބިލް އާއި ވިސުލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލްގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލް ހިމެނެވެ.
މަޖިލީހުގެ ޖަލްސާތައް މިވަގުތަށް މެދުކަނޑާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހަރަކާތްތެރިވަމުންދާތަން ފެންނަނީ އަންނަ އޭފްރީލްމަހުގެ 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރަމުންދާ ކެމްޕެއިން ތަކުގަ އެވެ.