ބޭރުގެ ގައުމުތަކުން ރާއްޖެއަށް އަޅާ ފިޔަވަޅުތަކުން ވެދާނެ ގޮތަކަށް ފުންކޮށް ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ހުންނަ ގޮތުން އިގްތިޞާދީ ދަތިކުރުމާ ހިސާބަށް ދާން ޖެހިދާނެ ކަމަށް ބޭރު ގައުމުތަކުން އިންޒާރުދެމުންދާ ކަމަށާއި އެފަދަ ހާލަތެއް އަތުވެއްޖެނަމަ ރާއްޖެއަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ނޯތު ކެރެއާ، މިޔަންމާ، ޒިމްބާބުވޭ، ވެނެޒުއޭލާ، މި ތަންތަނަށް ވަނީ އިގްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި. މިހާރު ނޯތު ކޮރެއާ ފަދަ ތަންތާނގައި އާންމު ރައްޔިތުން އުޅޭ ހާލު ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ. ޒިމްބާބުވޭގައި ވެސް އިގްތިޞާދީ ދަތިކުރުން އޮތް އިރު އެތަނުގެ ރައްޔިތުން ކޮފީ ތައްޓެއް ވެސް އޯޑަރުކޮށްފައި، ކޮފީ ތައްޓަށް ފައިސާ ނުދައްކާ ގޮސް، ކޮފީ ތަށި ބޯލައިގެން ފައިސާ ދައްކަން ބަލައިލާއިރު އެ ކޮފީ ތަށި ހުންނަނީ އެތައް ގުނައެއް އަގުބޮޑުވެފައި،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެ ގައުމުތަކަކީ އަމިއްލަ އުފެއްދުންތެރިކަން އޮންނަ ގައުމުތައް ކަމަށްވީ ނަމަވެސް ރާއްޖެއަކީ ހަނޑޫ، ހަކުރު، ތެޔޮ އަދި އެނޫން ހުރިހާ އެއްޗެއް ވެސް އެތެރެ ކުރަން ޖެހޭ ގައުމެއް ކަމަށެވެ. އަދި ފިޔަވަޅެއް އަޅައިފިނަމަ ރައީސް ޔާމީނަށް ދަތިތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިނުގަތަސް، އާންމު ރައްޔިތުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅާ މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިނުގެން އެ ކުރައްވަން އުޅުއްވާ ކަމުގެ ސަބަބުން. އާންމު ރައްޔިތުންނަށް އަންނާނެ ދަތިތަކަށް އެއްވެސް ގޮތަކަށް ނަޒަރެއް ހިންގާ ނުލައި، ގޮތް ދޫނުކޮށް ނޫޅުއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވާ،" މާރިޔާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުން މާދަމާއަށް ވަނީ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައެވެ.